ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ކެރަން ރޮހްސްލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ އިނގިރޭސި އާ ސަފީރާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގާއިމްވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ސަފީރަކު ކަނޑައެޅުމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ބައްދަލު ކުރެއްވުމުގައި އިނގިރޭސި ސަފީރު ކެރަން ރޮހްސްލާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ ސަފީރަކު ގާއިމުވެ ހުންނެވުމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި މިހާރު ގާއިމު ކުރެވިފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރައްވައި ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެކަމަނާ ރައީސް އަށް އެރުވިއެވެ.