ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން އާއި އެކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު، މިއަދު 19 މައްސަލައެއް ތާވަލުކުރެވުނު ކަމަށެވެ.
ނަމަވެސް އެކޮމިޓީގެ ނިންމުމާ އެއްގޮތަށް ދެ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަހުގީގު ކޮމިޓީ އެކުލަވާލެވުނު ކަމަށް ޖޭއެސްސީން ބުނެއެވެ. އެގޮތުން ތަހުގީގު ކުރަން ނިންމީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން އާއި އެކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ އިތުރުން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ މުސްތަފާގެ ސުލޫކީ މައްސަލަތަކެވެ.
ނަމަވެސް އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހުސެއިން ވަހީދުގެ މައްސަލައެއް ޖޭއެސްސީން މިހާރު ވެސް ދަނީ ބަލަމުންނެވެ.
އެގޮތުން ޝުޖާއު އުސްމާންގެ ބަލަމުންދަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހިޔާނާތުގެ މައްސަލައެއްގައި އޭނާ ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކުއްކިއަކަށް ކޯޓަށް ވަޑައިގެން ކަމަށް ބުނެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ބަލަން ނިންމި އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ނަމަވެސް ފަނޑިޔާރު ހުސެއިން ޝަހީދުގެ ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އަދިވެސް ޖޭއެސްސީން ނުބުނެއެވެ. އެ މައްސަލަ ބަލަން ނިންމިކަން ޖޭއެސްސީން ހާމަކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.