ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން އެމްޑީޕީ ހަރުގެއެއްގެ ގޮތުގައި އެތަންތަން އޮޕަރޭޓްކުރަމުންދާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ތުރީލައިން ވިޕެއް ނެރުނު މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް ފާސްކުރީ 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ތަޅުމަށް ރިޕޯޓް އިއްވަމުން ދަނިކޮށް، ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ފަނޑިޔާރު އައްޔަން ކުރަން މަޖިލީހުން ގާނޫނު އަސާސީގައިވާ އިޖުރާއަތްތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ. ޖާބިރުގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނިޒާމީ ނުކުތާއެއް ކަމުގައި ބަލައި ނުގަނެވޭ ކަމަށާއި މަޖިލިސް ހިނގަމުން ދަނީ ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރިޕޯޓަށް ބަހުސްކުރައްވަން ލިބުނު ފުރުސަތުގައި ޖާބިރު ވަނީ ތިން ބާރުގެ ނިޒާމޫ އެމްޑީޕީން ގަނޑުބަޑުކޮށްލައިފި ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ. ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ބަދަލުގައި މަހާޒަށް ރުހުން ދޭން ތުރީލައިން ވިޕު ނެރުމާއި ގުޅިގެން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެއެއް ނޫން ކަމަށާއި މަޖިލީހުން ކަންކަން ފާސް ކުރަން ތުރީލައިން ވިޕެއް ނުނެރެވޭނެ ކަމަށެވެ.
''މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނަވައިގެން، ޖުޑިޝަލް ސާވިސް ކޮމިޝަންގައި އެމަނިކުފާނު އިންނަވައިގެން، ޖުޑިޝަރީ ވެސް، މި މަޖިލިސް ވެސް، އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި ދަނީ އޮޕަރޭޓް ކުރަމުން. އެކަން ކުށްވެރިކުރަން. މި މަޖިލީހުގައި ޑްރާމާ ކުޅޭނެ ކަމެއް ނެތް." ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވިގޮތުގައި ގާނޫނު އަސާސީގައި ފަނޑިޔާރުން އައްޔަން ކުރުމުގައި އޮންނަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުން ޖޭއެސްސީން އިންޓަވިއުކޮށް، އެ ކޮމިޝަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ ބޭފުޅަކަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައި އޮންނަނީ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހު ފޮނުއްވި ނަންތައް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ނޫން ކަމަށާއި އެ ނަންތައް ދިރާސާ ކުރުމަށް ފޮނުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް ކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ރައީސް އޮފީހުން ސްޓޭމްޕް ޖަހާފައި ފޮނުވާ ކަންކަން އެއްވެސް ދިރާސާ ކުރުމެއް ނެތި ހަމަ އެގޮތަށް ތަންފީޒު ކުރާ ތަނަކަށް މި މަޖިލީސް ވެގެން ނުވާނެ ކަމަށެވެ.