ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ކޮންމެ މީހެއްގެ ހިއްސާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމް ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ޝަރަފުވެރި ކޮށްދެއްވައި ނައިބް ރައީސް ވިދާޅުވީ، ގައުމުގެ މުސްތަގްބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްގީއަށް ވާސިލްވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭ ކަމަށެވެ.
އެގޮތުން ކޮންމެ މީހަކީ ވެސް ދިރިއުޅުމަށްޓަކައި މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދާ މީހަކަށް ވުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރުމުގައާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތުގެ މުހިންމު އަސާސެއް ކަމަށެވެ. އަދި ވިދާޅުވީ، ރަށުފެންވަރުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް މީގެ ކުރިން ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.