ޝަހީދާ އަބްދުﷲ ސައީދު
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކުރުމާއި، ނުވަތަ ވަކިވުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް އޮތް އެގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިކަން ހާމަކުރައްވާފައިވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއެވެ.
ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އުވާލުމަށް ވޯޓު ދެއްވާފައިވަނީ 37 މެމްބަރުންނެވެ. އަދި އެ ގާނޫނު އުވާލުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 17 މެންބަރުންނެވެ. އެ ގާނޫނު އުވާލުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.