ޚަބަރު

ފުވައްމުލަކުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީ އިން ބުނިގޮތުގައި ފުވައްމުލަކުގައި އަޅާފައިވާ ފްލެޓްތައް އެ ފްލެޓްތަކުގެ ހައްގުވެރި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެންނެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއްބަސްވުމުގައި ސޮއިކޮށް، ޑައުންޕޭމްންޓް ދެއްކުމުގެ އިތުރުން ފުލެޓާ ހަވާލުވުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ފްލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހު 28 އިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 8:30 އާއި ހަވީރު 4:30 އަށް ފުވައްމުލަކު ކައުންސިލް އިދާރާގައި ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކުުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ އިރު، ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ޖުމްލަ 19،000ރ. ދައްކަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެގޮތުން އިންސްޓޯލްމަންޓްގެ ދަށުން ޑައުން ޕޭމަންޓް ދައްކާނަމަ ފްލެޓަށް ފުރަތަމަ ވަދެވޭނީ -/9500 ދައްކައިގެން ކަމަށާއި ބާކީބައި ދެމަހުގެ ތެރޭ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި 200 ފްލެޓް އިމާރާތްކޮށްފައިވެއެވެ. މި ފެލްޓުތަކުގެ މަސައްކަތް ކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުރުގައެވެ. ނަމަވެސް ރައީސް ޔާމީނުގެ ދައުރުގައި އެމަސައްކަތް އެއްކޮށް ނިންމާލެވޭ ގޮތް ވަނީ ނުވެފައެވެ.