ސްރީލަންކާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އާ ސަފީރު ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
މަގާމާއި ހަވާލުވިކަމުގެ ފަތްކޮޅު ރައީސަށް ސްރީލަންކާގެ ސަފީރު އެރުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ލަންކާގެ ސަފީރު ވަނީ ރާއްޖެ އާއި ލަންކާއަކީ ދުވަސްވީ އެކުވެރިކަމެއް އޮންނަ ދެގައުމަށްވާއިރު، އެމަނިކުފާނުގެ ސަފީރުކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އަރުވައިފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ލަންކާ އާއި ރާއްޖެއަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމުން ކުރިއަށް އޮތްތަނުގައި ދެގައުމު ދެމެދު މިހާރު އޮތް ވިޔަފާރީގެ ގުޅުމާއި އިގްތިސާދީ ކުރިއެރުންތައް ދެނެގަނެ، އެކުގައި މަސައްކަތް ކުރުން މަތީ ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ލަންކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަަމަށް ރައީސް އޮފީހުން ބުނެއެވެ.
ލަންކާއިން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މޭޖާ ޖެނެރަލް ރިޓަޔާޑް ތޮރަޑެނިޔާ ސަފީރު ކަމުގެ ދައުރު ފުރިހަމަ ވުމުން އަނބުރާ ގައުމަށް ވަޑައިގެންނެވީ މިއަހަރު ސެޕްޓެމްބަރު މަހު ތެރޭގައެވެ.