އިނގިރޭސިވިލާތާއި ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތައް އޮތީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދެބޭފުޅުން ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައިވެސް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާއާއެކު އެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ވެސް މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ޝާހިދު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮހޮނަ ވަލަވޭ ނިމާލް ދަރްމަކީރްތި ކަރުނަރަތުނައާ ކަމަށާއި މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ދެން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކެރޮން ރޮސްލާއާ ކަަމަށާއި އެކަމަނާއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ ކުރިން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރެވެ. މިނިސްޓަރު ވަނީ ރާއްޖޭގައި އަލަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވާކަމަށްޓަކައި އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
ދެ ސަފީރުންނާއެކު ބޭއްވެވި ބައްދަލުވުމުގައިވެސް ސަފީރުކަމުގެ މަގާމާ އެބޭފުޅުން ހަވާލުވެވަޑައިގެންނެވީތީ މިނިސްޓަރު ޝާހިދު މަރުހަބާ ދަންނަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު މިއަދު ވަނީ ކިއުބާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުއާނާ އެލީނާ ރާމޯސް ރޮޑްރިގޭޒްއާ ވެސް ބައްދަލުކުރައްވައި، ދެގައުމުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީންް މައުލޫމާތުދެއެވެ.