މޫސުމް

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ "ޑިޕްރެޝަން" އަކަށް!

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ "ޑިޕްރެޝަން" އަކަށް ނުވަތަ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ "ޑިޕްރެޝަން" އަކަށް ނުވަތަ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށާއި މިހާރު ކޮޅިގަނޑު ހުރީ ހއ. ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައި ކަމަށެވެ.

ނަމަވެސް މިކޮޅިގަނޑާއި ގުޅިފައިވާ ބޯ ވިއްސާރަ ވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރެ މައްޗަށް އަރަމުންދާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި މިކޮޅިގަނޑު އިތުރަށް ބާރުގަދަވި ނަމަވެސް ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެއާއި ދުރަށް ޖެހެމުން ދާނެ ކަަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ މި ކޮޅިނޑުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރާ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.