ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ބަލައިނުގަތުނަށް ޖޭއެސްސީން ނިންމައިފި

މަރިޔަމް ޝަހުދާ

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަ ސުލޫކީ މައްސަލައިގައި، އޭނާގެ ވަކީލެއްގެ ގޮތުގައި ހުށަހެޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ މިހާރު ސުޕްރީމް ކޯޓުން ބަލަމުން އަންނަ ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރި ގޮތާއި ގުޅޭ ދުސްތޫރީ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ. ސުޕްރީމް ކޯޓުން ބަލަމުން އަންނަ ޑރ. ޖަމީލުގެ މައްސަލައިން އަމިއްލަ އަށް ތަނާޒުލް ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފަނޑިޔާރު އާދަމް މުހައްމަދު އެ ކޮމިޝަނަށް ސިޓީއެއް ހުށަހެޅުއްވި ކަމަށް ޖޭއެސްސީން ބުނެއެވެ. ނަމަވެސް ޑރ. ޖަމީލުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމަށާއި، އެފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ބަލާނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގޮތަށް ކަމަށް ޖޭއެސްސީން ފާހަގަ ކުރެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިގެން ބަލާ މައްސަލައަކުން ފަނޑިޔާރު އާދަމް މުހައްމަދު އަމިއްލައަށް ތަނާޒުލް ވެވަޑައިގަތުމަކީ ފަނޑިޔާރުގެ ސުލޫކާ ހިލާފު އަމަލެކެވެ. އަދި ފަނޑިޔާރު އާދަމް މުހައްމަދުގެ މި އަމަލަކީ ފަނޑިޔާރު ބައްލަވަމުން ގެންދަވާ މައްސަލައެއްގެ ހަސްމަކާ އަމިއްލަ ބޭނުމެއްގައި، އަމިއްލަ މަންފާއެއް ހާސިލު ކުރެއްވުމުގެ މުއާމަލާތެއްކަމަށް ޖޭއެސްސީން ބުނިއެވެ. އަދި ފަނޑިޔާރު އާދަމް މުހައްމަދު ބައްލަވަމުން ގެންދަވާ މައްސަލައެއްގެ ހަސްމަކު އެ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީން ބުނިއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ބަލައި ނުގަތުމުން މިއަދު ޖޭއެސްސީން ކުރިއަށް ގެންދިޔަ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ވަނީ މާދަމާ 12:30އަށް ފަސް ކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ ފަނޑިޔާރު އާދަމް މުހައްމަދުގެ އެދިވަޑައިގަތުމުގެ މަތިން، ވަކީލަކު ހަމަޖެއްސުމަށް މުއްދަތު ދިނުމަށް ކަމަށް އެކޮމިޓީން ބުނެއެވެ.

ޖޭއެސްސީން ބުނި ގޮތުގައި ވަކީލުގެ މަސްލަހަތާއި މުވައްކިލުގެ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. އަދި ގާނޫނީ ވަކީލެއްގެ އިތުބާރު ގެއްލޭނެ ފަދަ ކަމެއް އެއްވެސް ވަކީލަކު ކޮށްގެން ނުވާނެ ކަމަށާއި ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭގޮތަކަށް ކަން ކޮށްގެން ނުވާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ވެއެވެ. ގާނޫނުގައި ކަނޑައެޅިގެން މިހެން ބަޔާން ކުރާ އިރު ޑރ. ޖަމީލު ހަސްމެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މައްސަލަ ބަލަމުން އަންނަ ފަނޑިޔާރެއްގެ ވަކީލަކަށް ވުމަށް އެ ފަނޑިޔާރާއި މުއާމަލާތުކޮށް، ވަކީލެއްގެ ގޮތުގައި ގަބޫލުކުރުމީ އެ ފަންނުގެ އަސާސްތަކާއި ފުށުއަރާކަމެއް ކަމަށް ޖޭއެސްސީން ބުނެއެވެ. މިއީ ފަނޑިޔާރުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ވުމުން މިކަން ބަލައި ދިނުމަށް ބާ ކައުންސިލަށް މި މައްސަލަ ހުށަހެޅުމަށް ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލަމުން އަންނަ ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ބަލައިނުގަތުނަށް ޖޭއެސްސީން ނިންމުމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ހަނިކޮށްފި ކަމަށެވެ. އަދި ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށާއި، ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގައި އުޅެނީ ހަސްމުންގެ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ވަކީލެއްގެ ހައްގު ހަޖަމު ނުވުމުގެ މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.