އައްޑޫ ސިޓީގެ ހިތަދޫއިން ވިލާ އެޑިއުކޭޝަން ސާވިސް ޕްރައިވެޓް ލިމިޓެޑަށް ބިމެއް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީން މިއަދު "ވަން" އަށް ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން ވިލާ އަށް ހިލޭ ބިމެއް ދިން މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމުން އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
މިކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ތައުލީމީ ޔުނިވަސިޓީ ފަދަ ތަންތަނަށް ބިން ދެނީ އަބަދުވެސް ހިލޭ ކަމަށާއި ބިން ދޫކޮށްފައިވާނީ ބިމަށް އެދުނު ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދި ފަރާތަށް ކަމަށެވެ. އަދި ޝަރުތުތަށް ހަނިކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރާ މައްސަލައިގައި، ޔަސްރިފް ވިދާޅުވީ ބިމަށް އެދި ގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާއިރު، ޕޮއިންޓް ދެވޭނީ ޝަރުތުތައް ހަނިކޮށްގެން ކަމަށާއި ވިލާއަށް ބިން ދީފައިވަނީ ގާނޫނުގެ ތެރެއިން ކަމަށެވެ.
ވިލާ ކޮލެޖަކީ، މަތީ ތައުލީމުގެ ފުރުސަތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދޭ އަމިއްލަ ކޮލެޖެވެ.