ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލިޓަސް ގައުމީ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ އެއްވަނަ ޑިވިޝަންގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލުގައި، މުހައްމަދު އަޖުފާން ރަޝީދު އަދި ނިބާލް އަހްމަދު ބައްދަލުކުރި މެޗް ބައްލަވައިލައްވާފައި ކަމުގައެވެ. މެޗު ކާމިޔާބުކުރީ މުހައްމަދު އަޖުފާން ރަޝީދެވެ.

މި މުބާރާތުގެ ފިރިހެން، އެއްވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ވާދައިގެ ތަށި ޗެންޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސްއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގެ އޯޕަން އިވެންޓުގައި 110 ކުޅުންތެރިން ބައިބެރިވެއެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ތިން ޓީމު ވާދަކޮށްފައިވާއިރު ދެވަނަ ޑިވިޝަނުގައި ނުވަ ޓީމު ވާދަކޮށްފައިވެއެވެ.