އުރީދޫ މޯލްޑިވްސް އިން "އެކު" މި ނަމުގައި އާ ބްރޭންޑް ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ.
އުރީދޫގެ ބްރޭންޑް ކެމްޕެއިން ލޯންޗު ކުރީ މިއަދު ގައުމީ ޔުނިވާސިޓީގެ ބިސްނަސް ސްކޫލުގެ އޮޑިޓޯރިިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ހަފްލާގައި ޔުނިވާސިޓީގެ މާކެޓިން ކިޔަވާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އުރީދޫގެ މާކެޓިން ޓީމުގެ ފަރާތުން އާ ކެމްޕެއިން ލޯންޗު ކުރުމަށް ކުރި މަސައްކަތްތަކާއި މާކެޓިން ޓީމުގެ ތަޖުރިބާތައްވެސް ދަރިވަރުންނާ ހިއްސާ ކުރިއެވެ. މިއީ، އުރީދޫން ދޭ ހިދުމަތްތަކާއި ކުންފުނި އިޝްތިހާރު ކުރުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.
އެ ރަސްމިއްޔާތުގައި އުރީދޫގެ ޑިރެކްޓާ ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒު ވިދާޅުވީ، މިއީ ދިވެހި އާއިލާތަކުގެ ބައެއް ކަންކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕޭނުގެ ތެރެއިން، ނެރޭ އިޝްތިހާރުތަކުން ވެސް އެފަދަ މަންޒަރުތައް ފެންނާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
''މިފަދަ ހާއްސަ ދުވަހެއްގައި އެކު ކެމްޕެއިން ތައާރަފުކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަހައްމިއްޔަތު ފާހަގަކުރަން. ހަމައެހެންމެ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ގައުމު ބިނާކުރުމަށް އަބަދުމެ މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ގައުމީ ދުވަހު ލޯންޗުކުރި ކެމްޕޭނާ ގުޅޭގޮތުން ނިޔާޒު ވިދާޅުވިއެވެ.
އެކުންފުނިން ބުނިގޮތުގައި، އެކަކާއި އަނެކަކުގެ ދެމެދުގައިވާ ތަފާތުތައް ފާހަގަކޮށް އުރީދޫ އިން ކުރިއަށް ގެންދިޔަ މަގުބޫލު "ވަރަށް ތަފާތު" ކެމްޕެއިނަށް ފަހު، މިފަހަރު ފެނިގެންދާ އެކު ކެމްޕެއިނުން ދައްކުވައިދެނީ މުޖުތަމައުގެ މެދުގައިވާ ތަފާތުތަކާއި އެކުވެސް، އެއް ބައެއްގެ ގޮތުގައި އެއްބައިވަންތަކަމާއި އަޅާލުމާއެކު އުޅުމުގެ މުހިއްމުކަމެވެ.
އަދި އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ހިދުމަތްތަކާއެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް އެކު ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލަދޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.