މެޓް އޮފީސް

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހި، ކަނޑު ގަދަވެ އުދައިގެ އަސަރު ކުރުން އެކަށީގެންވޭ: މެޓް

މަރިޔަމް ޝަހުދާ

ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހި، ވަޔާއި ކަނޑު ގަދަވެ އެކި ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ލަންކާ އާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މި ކޮޅިގަނޑު އިތުރަށް ވަރުގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ ކޮޅިގަނޑު ވަރުގަދަ ވުމުގެ ސަބަބުން ރާއްޖެއާއި ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ކޮޅިގަނޑު ޖެހެމުން ދާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ އެންމެން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އަދި ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އެދެއެވެ.

މިއަދު ހަވީރު 16:00 އާއި ހަމައަށް ވެސް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.