ޚަބަރު

ހިޔާނާތުގެ ތުހުމަތުގައި ޣައްސާނު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ޣައްސާން ފުލުސް އޮފީހަށް ހާޒިރުކުރީ މިރޭ 9:30 ގައެވެ. އެނގިފައިވާ ގޮތުގައި ޣައްސާނު ފުލުސް އޮފީހަށް ހާޒިރުވުމަށް މީގެ ދެ ދުވަސް ކުރިން އޭނާއަށް ވަނީ ޗިޓު ފޮނުވައިފައެވެ.

ނަމަވެސް މިރޭ ފުލުހުން ހާޒިރުކުރީ ސުވާލު ކުރަން ކަމެއް ނުވަތަ ބަޔާން ނަގަން ކަމެއް އަދި ނޭނގެއެވެ. ފުލުހުން ވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި އެ ކުންފުނީގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ޣައްސާންގެ ނަން ވެސް ހިމެނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރު ޖެނެރަލް އާއިޝަތު ބިޝާމް ވެސް ވިދާޅުވެފައިވަނީ ހިޔާނުގެ ތުހުމަތު ކުރެވޭ ބައެއް މީހުން މަޖިލީހުގައި ވެސް ތިއްބެވި ކަމަށެވެ.

ޚިޔާނާތުން މަންފާވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 16 މެމްބަރަކަށް ތުހުމަތު ކުރެއެވެ. އަދި ކުރީގެ މަޖިލީހުގެ 44 މެމްބަރަކު ހިމެނޭއިރު، މި ސަރުކާރުގެ ހަތް ބޭފުޅަކަށާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތައް ފުރުއްވި 30 ބޭފުޅަކަށް އެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފަސް ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ ހަތް އޮފިސަރަކަށް ވެސް ހިޔާނާތުން މަންފާވި ކަމުގެ ހެއްކާއި މައުލޫމާތު ވަނީ ލިބިފައެވެ.