ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ވައިގެ ދަތުރުތައް މިއަދު ފަށަފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮޗިންއަށް ދަތުރުތައް ފައްޓަވައި ދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހުސެއިން ޖަލީލެވެ.
މޯލްޑިވިއަނުން ބުނީ، އެ އެއާލައިނުން ކޮޗިންއަށް ކޮންމެ ހަފްތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫއާ މި ސަރަހައްދަށް އާ ފުރުސަތުތަކެއް ފަހި ވެގެންދާނެ ކަމަށެވެ.
އަދި ހަނިމާދޫއަކީ އެންމެ ގިނަ އަދަދަކަށް ބަލި މީހުން އުފުލާ އެއާޕޯޓަށްވާއިރު، ކޮޗިން ދަތުރުތަކާއެކު ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ އިން ކޮޗިންއަށް ދެކޮޅު ޓިކެޓުގެ އަގަކީ 199 ޑޮލަރު (3069 ރުފިޔާ) އެވެ.
ހަނިމާދޫ އާއި ކޮޗިން އާދެމެދު މިއަދު ދަތުރުފެށިއިރު މާލެ އާއި ކޮޗިންއާ ދެމެދުވެސް ދަތުރުތައް ފަށަން މޯލްޑިވިއަނުން ވަނީ ތައްޔާރުވެފައެވެ. މާލެ ކޮޗިން ދެކޮޅު ޓިކެޓުގެ އަގަކީ 150 ޑޮލަރެވެ.