ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ހުޅު ރޯ ކުރަން ދަރުއަޅަނީ އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ލިޔެ ރިޕޯޓު ނެރުނު ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވުމުން ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު، ރައީސުލްޖުމްހޫރިއްޔާއަށް ރައްދު ދެއްވައިފިއެވެ.
މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދިނުމަށް ދީނީ އިލްމުވެރިންނަށް ގޮވައިލައްވައިފައެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި ޑރ. އިޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބުރަވެފައި ތިބީމަ ކަމަށެވެ. އަދި އެކަން އެގޮތަށް ވެދާނެ ކަމަށާއި ގައުމުގެ ހަމަޖެހުމަށްޓަކައި ލަސްނުކުރައްވައި އެމްޑީއެންއަށް ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ވެސް ރައީސްގެ އަރިހުގައި ދީނީ އިލްމުވެރިން ތަފާތު ގޮތްގޮތަށް ރައީސަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އިޔާޒު އިތުރަށް ވިދާޅުވީ، ބަޔަކު މީހުން އިސްލާމް ދީނުގެ ނަމުގައި ނުރަނގަޅު ކަންތައްތަކެއް ކުރަން ގޮވި ނަމަވެސް އެއީ އިސްލާމް ދީނާ ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށާއި އިސްލާމް ދީނަކީ އުފާވެރިކަމާއި ހަމަޖެހުން ހޯދައި ދިނުމުގެ ދީން ކަމަށެވެ.
މިގައުމުގެ އެންމެ އިސްވެރިޔާއަށް ދީނީ އިލްމުވެރިން ކުރަމުންގެންދާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެންނެވިކަމީ ހިތާމަކުރި ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ދީނީ އިލްމުވެރިންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމަށް ފުރުސަތު ދީފައި ނުވާނެ ކަމަށާއި އަދި ނުވެސް ދޭނެ ކަމަށެވެ.
އަދި ފިތުނަ ފަސާދަ އުފެދެން ދިމާވަނީ އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފުވުމުން ކަމަށާއި އެކަން ނުކުރުމަށް ރައީސް ގޮވައި ނުލައްވަނީ ކީއްވެތޯ އިޔާޒު ސުވާލު އުފެއްދިއެވެ.
އިޔާޒު އިތުރަށް ކުރެއްވި ޓުވީޓެއްގައި، ގާނޫނާ ހިލާފުވެފައިވާ ޖަމިއްޔާއެއްގެ ދަށުވެ، ތާށިވެވަޑައިގެން ހުންނަވައި ދީނީ އިލްމުވެރިންނަށް އިލްތިމާސް ފޮނުއްވިޔަސް ރައީސް ސޯލިހަށް ޒިންމާއިން ރެކިވަޑައިގެންނެވުނީ ނޫންކަން ހަނދާނުގައި ބެހެއްޓެވުމަށް ރައީސަށް އިލްތިމާސް ކުރެއްވިއެވެ. އަދި ރައީސް ރައްޔިތުންނަށް ވައުދުވެވަޑައިގެންވި ގޮތަށް ކަންތައް ކޮށްދެއްވުމަށް ވެސް ގޮވާލެއްވިއެވެ.