ގައުމީ އިނާމު

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ކީޕަރު އިންމަ، ކޯޗު އިންމަ، ޝިއުރީ އަދި ފަދުވާއަށް

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ކީޕަރު އިމްރާން މުހައްމަދު (ކީޕަރު އިންމަ) އާއި ކޯޗު އިސްމާއިލް މަހެފޫޒް (ކޯޗު އިންމަ) އާއި އިބްރާހިމް ޝިއުރީ އަދި ފަދުވާ ޒާހިރު ހާސިލުކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އދ. މަހިބަދޫ، އަސުރުމާގެ، އިމްރާން މުހައްމަދު ހާސިލުކުރީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ކްލަބު ފެންވަރު އަދި ގައުމީ ފުޓުބޯޅަ ޓީމާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކީޕަރު އިންމައަކީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރެވެ. ގައުމީ ޓީމުގެ ގޯލު 17 އަހަރު ބެލެހެއްޓުމަށްފަހު ގައުމީ ޓީމުން އިމްރާން ރިޓަޔާ ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މ. ވިނަލި، އިސްމާއިލް މަހެފޫޒު ހާސިލުކުރީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ކުޅުންތެރިއެއްގެ ގޮތުގައި 1990ގެ އަހަރުތަކުގައި ކާމިޔާބީތަކެއް ހޯދާފައިވާ އިންމަ މިހާރު ފެނިގެންދަނީ ފުޓުބޯޅަ ކޯޗެއްގެ ގޮތުގައެވެ. މީގެ ކުރިން މާޒިޔާ ސްޕޯޓްސް ކްލަބަށް އިރުޝާދު ދިން ކޯޗު މިހާރު އިރުޝާދު ދެނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ. މީގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް އިންމަ މަސައްކަތްކުރިއެވެ.

ގ. ގޯލްޑަން ހައުސް، އިބްރާހިމް ޝިއުރީ ހާސިލުކުރީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީޓީ ޗެމްޕިއަންކަން ވިދިވިދިގެން ފަސް އަހަރު ހޯދި ޝިއުރީ މިހާރު މަސައްކަތްކުރަމުން އަންނަނީ ޓީޓީ ކޯޗެއްގެ ގޮތުގައެވެ. މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީޓީ އިވެންޓުން ރާއްޖެއިން ތިން ރަން މެޑެއްޔާއި ދެ ރިހި މެޑެލް ހޯދީ ޝިއުރީގެ އިރުޝާދުގެ ދަށުންނެވެ.

ގ. ގޯލްޑަން ސްޓާ، ފަދުވާ ޒާހިރު ހާސިލުކުރީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ފަދުވާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފަދުވާ ހޭދަކުރި 15 އަހަރުގެ ތެރޭގައި ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދިނެވެ. އޭނާ ވަނީ އަށް އަހަރު ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ދައުރު ވެސް އަދާކޮށްފައެވެ.

މިއަހަރު 21 ފަރާތަކުން ވަނީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައެވެ.