ޚަބަރު

މަރްހޫމް މަޖީދާއި އަފްރާޝީމުގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި

އަވަހަރާވެފައިވާ ރާއްޖޭގެ ދެ ދީނީ އިލްމުވެރިން ކަމަށްވާ ޑރ. އަފްރާޝީމް އަލީ އާއި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފިއެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މި ދެބޭފުޅުންގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޑރ. އަފްރާޝީމްގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަބްދުލްނާސިރު އަލީއެވެ. ޑރ. މަޖީދުގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަލުން މުއާޒް އަބްދުލްމަޖީދެވެ.

ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފްރާޝީމް އަކީ ދީނީ ނަސޭހަތް ދެއްވުމާއި ވައުޒު ވިދާޅުވުމުގެ ރޮނގުން ފާހަގަކޮށްލެވޭ، ވާހަކަދެއްކުންތެރި ކަމަށާއި ލިޔުންތެރިކަމަށް މޮޅު ބޭފުޅެކެވެ.

ރަށުން ތައުލީމު ހާސިލް ކުރައްވައިން މާލެ ވަޑައިގެން އަފްރާޝީމް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ފުލުސް ކޯޓުގެ ކާތިބެއްގެ ގޮތުގައެވެ. އަދި ފަހުން މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ފިގްހު އަދި އުސޫލުލް ފިގުހުގެ ރޮނގުން ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލްކުރެއްވިއެވެ އަދި 2007 ވަނަ އަހަރު ޑރ. ފިލޯސިފީ ވެސް ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީންނެވެ.

ޑރ. އަފްރާޝީމް މެލޭޝިއާގައި ކިޔަވަން ހުންނެވިއިރު، އެގައުމުގެ އިސްލާމިކް ޔުނިވާސިޓީގެ މިސްކިތުގެ އިމާމު ކަމާއި ހުކުރު ހުތުބާ ހައްދަވައި، އެ މިސްކިތުގައި އިމާމުވެ ވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ.

އެމަނިކުފާނުގެ ސިޔާސީ ހިދުމަތަށް ބަލާއިރު 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ކާމިޔަބު ކުރެއްވެވިއެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމާއި ނައިބް ރައީސްކަން ވެސް ކުރެއްވިއިރު، ޑީއާރުޕީގެ ދީނީ އިޖްތިމާއީ ގޮފީގެ ރައީސް ކަމާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރެއްވި ދުވަސްވަރު ވެސް ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އަދި މިހާރު އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އުސޫލުލް ފިގުހު އަދި ގަވާއިދުލް ފިގުހު ކިޔަވައިދެއްވިއެވެ. އަދި މަޖިލީހުން ލިބޭ ހުސްވަގުތު ތަކުގައި ވިލާ ކޮލެޖްގެ މާސްޓާސް އޮފް ޝަރީއާގެ ދަރިވަރުންނަށް ވެސް އަފްރާޝީމް ކުލާސްތައް ނަންގަވައިދެއްވިއެވެ.

އޮކްޓޯބަރު 1، 2012 ގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ޓީވީގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދިރިއުޅޭ ހ. ފުންވިލުގެއަށް ވަދެވަޑައިގެން ވަގުތު ދިން ހަމަލާއެއްގައެވެ.

ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމު އެރުވި ޑރ. އަބްދުލްމަޖީދު އަބްދުﷲ އަކީ އަރަބި އިސްލާމީ ތައުލީމަށް ލޯބިކުރެއްވި ރާއްޖޭގައި ދީނީ އިލްމު އުނގަންނައިދެއްވުމުގެ ރޮނގުން މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މަދީނާ ޔުނިވާސިޓީން 1997 ވަނަ އަހަރު ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. މަޖީދަކީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ އަދި ހަމައެކަނި ދިވެހި އިލްމުވެރިޔާއެވެ. އަދި ޕީއެޗްޑީއަށް އެމަނިކުފާނު ލިޔުއްވި ތީސީސް ސައުދީ އަރަބިއްޔާގައި ތިން ފަހަރެއްގެ މަތިން ޗާޕުކޮށް ލައިބްރަރީ ތަކުގައާއި ތައުލީމުދޭ މަރުކަޒުގައި ބޭނުންކުރާ ފޮތަކަށްވަނީ ވެފައެވެ.

ޑރ. މަޖީދު ވަނީ އިސްލާމިކް މިނިސްޓްރީގެ ދީނީ ޝިއާރުތަކާބެހޭ ބައިގެ ޑިރެކްޓަރުކަމުގެ މަގާމާއި އެ މިނިސްޓްރީގެ މުދީރުގެ މަގާމުގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަަޒު އުފެއްދުމުން އެތަނުގެ މުދީރުކަމުގެ މަގާމުވެ އަދާކުރައްވައިފައެވެ. އަދި ފަހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ.

އޭގެ އިތުރުން ޑރ. މަޖީދަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ސީނިއާ ލެކްޗަރާއަކަށް ހަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތުގައި ހަތް އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

އެމަނިކުފާނު އަވަހަރާވީ ސްރީ ލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް، 22 މެއި 2018 ގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 56 އަހަރުފުޅެވެ.

މި ދެބޭފުޅުންގެ އިތުރުން ޝަރަފުވެރިކަމުގެ އިނާމު އިތުރު ތިން ބޭފުޅަަކަށް އަރުވާފައިވެއެވެ. އެ ބޭފުޅުންނަކީ މުހައްމަދު ވަހީދު (މަޑުލު މުހައްމަދު ވަހީދު)، ކުޅިވަރުގެ ދާއިރާއިން ސައްޔިދު އަލީ އަދި އަލްމަރުހޫމް ސައްޔިދު ހުސައިންގެ ހަނދާނަށެވެ.