ގައުމީ އިނާމު

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެބެއިންނަށް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަލްމަރުހޫމް ސައްޔިދު ހަސަނާއި އެބޭފުޅާގެ ކޮއްކޮ ސައްޔިދު އަލީއަށް ލިބިވަޑައިގެންފިއެވެ.

ސައްޔިދު ހަސަނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ ކުޅިވަރު ކުޅުއްވުމުގެ ދާއިރާއިންނެވެ. އަދި ސައްޔިދު އަލީއަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ ކުޅިވަރު ކުޅުއްވުމާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިންނެވެ.

ކުޅިވަރު ޝަހުސިއްޔަތު ސައްޔިދު ހަސަނަކީ 70ގެ އަހަރުތަކުގައި ދިވެހި ކުޅިވަރުގައި މަޝްހޫރުކަން ހޯދާފައިވާ ބޭފުޅެކެވެ. އޭރު ބޭއްވި ހުރިހާ ކުޅިވަރު މުބާރާތްތަކުގައި ސައްޔިދު ހަސަން ފާހަގަކޮށްލެވުނެވެ. ހަސަން ސައްޔިދަކީ ފުޓުބޯޅަ އާއި ޓޭބަލް ޓެނިހާއި ކްރިކެޓާއި ބެޑްމިންޓަނާއި ޗެސް އަދި ޓެނިހުން ވެސް ކާމިޔާބީތަކެއް ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން ބައިސްކަލު ރޭސްތަކުގައި ވާދަކޮށް ވެސް ސައްޔިދު ހަސަން ކާމިޔާބީތަކެއް ހާސިލުކުރެއްވިއެވެ. ސައްޔިދު ހަސަން އަވަހާރަވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ސައްޔިދު ހަސަންގެ ކޮއްކޮ ސައްޔިދު އަލީއަކީ ފުޓުބޯޅަ އާއި ވޮލީބޯޅަ ކުޅުއްވައި، ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅެކެވެ. އެގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގޯލްކީޕަރެއްގެ މަގާމަށް ކުޅުއްވައި، ސައްޔިދު އަލީ ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރަކީ ވެސް ސައްޔިދު އަލީއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވިދާލުމަށްފަހު، ވޮލީ ކޯޗެއްގެ ގޮތުގައި ވެސް ސައްޔިދު އަލީ ފާހަގަކޮށްލެވުނެވެ.

ސައްޔިދު ހަސަނާއި ސައްޔިދު އަލީގެ އިތުރުން މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރެއްވި ބޭފުޅުންނަކީ އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ އާއި އަލްމަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި މަޑުލު މުހައްމަދު ވަހީދެވެ.