ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދީނީ އިލްމުވެރިންނަށް ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިސްލާމް ދީން ހިމާޔަތް ކުރުމަށާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.
އަދި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކުޑައިމީސް ބަސް ބުނުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަރުކަށިކަން ދައްކައި ޓެރަރިސްޓް ހަނގުމާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ސަރުކާރުން ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލިޔެލާ ލިޔެލުމަކުން ނުވަތަ ދައްކާ ވާހަކައަކުން ރައްޔިތުންގެ ހިތްތަކުން އިސްލާމް ދީން ފުހެވިގެންދާ ވަރަށް ވުރެ ރައްޔިތުންގެ އީމާންތެރިކަން މާ ވަރުގަދަ ކަމަށެވެ.
''ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް އަޅުގަނޑު މިއަދު ގޮވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ ފުރިހަމަކަމާއި މަތިވެރިކަމާއި މޫރިތި ކަމަށް ބުރޫއަރާފަދަ މީހުންގެ ސިކުނޑިތަކާ ކުޅެލުމުގެ ފުރުސަތު ނުދެއްވާށޭ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ލިބިފައިނުވާ އެތައް މިނިވަންކަމަކާ ހައްގުތަކެއް އާ ގާނޫނު އަސާސީން ލިބިގެން ދިޔަ ކަމަށާއި އޭގެ ރަނގަޅު ފައިދާ އިންތިހާއަށް ލިބެމުންދާއިރު އިމެއް މިނެއްނެތި ނާޖައިޒު ގޮތުގައި އެ ހައްގުތަކުގެ ބޭނުން ބަޔަކު ހިފަމުންދާ ކަމަށެވެ. އަދި އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމައަށް ފޯރާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވާ، އާއިލާތައް ބިކަކުރަމުން އެބަ ގެންދާ ކަމަށެވެ. އެހެންކަމުން މިއަދު އެއްފަހަރާ އެއް އަޑުން އެންމެން އެކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ވިދާޅުވިއެވެ.