ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަހްމަދު އާދަމާއި އަބްދުﷲ ޟާދިގު (ސޯދުބެ)އަށް އަރުވައިފިއެވެ.
އަހްމަދު އާދަމާއި ސޯދުބެއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ދަރުބާރުގޭގައި ކުރިއަށްދާ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި ހ. ހިކަރި، އަހްމަދު އާދަމަކީ އިންޖިނިއަރިންގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދ. މާއެނބޫދުއަށް އުފަން އަހްމަދު އާދަމް ވަނީ އިނގިރޭސިވިލާތުން ކިޔަވައިވިދާޅުވުމަށްފަހު ސަރުކާރުގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން މާލޭގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި އަހްމަދު އާދަމް އިސްކޮށް ހުންނަވައި ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
އިންޖިނިއަރިންގެ ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއަށް ވެސް އަހްމަދު އާދަމް ހިދުމަތްތަކެއް ކުރެއްވިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން އާންމު ހިދުމަތުގެ ގައުމީ އިނާމު ތައާރަފުކުރެއްވުމަށްފަހު އެ އިނާމު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަހްމަދު އާދަމް ހިމެނިވަޑައިގަންނަވައެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި ހ. އާމުލީގެ، އަބްދުﷲ ޞާދިގު (ސޯދުބެ) އަކީ ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ސޯދުބޭގެ އެންމެ ހާއްސަ ފަންނަނީ އަދަބިއްޔާތުގެ ފަންނެވެ. ބަހުގެ އަދީބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސޯދުބެ ވަނީ އަދަބީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ޞޯދުބެ ވަނީ ފާހަގަކޮށްލެވޭ ޅެންތަކަކާއި ލަވަތަކަކާއި ރައިވަރު އަދި ބަނދިތަކެއް ވެސް ހައްދަވައިފައެވެ. ޅެންވެރިކަމަށް ސޯދުބެ ނުކުމެވަޑައިގެންނެވީ އުމުރުން އެންމެ އަށް އަހަރުގައެވެ.
މިހާރު ވެސް އަދަބިއްޔާތަށް ހިދުމަތްކުރައްވަމުން ގެންދަވާ ސޯދުބެ ވަނީ ތާރީހީ ގިނަ ހޯދުންތަކެއް ހޯއްދަވައި، އެކަމާ ގުޅޭ ލިޔުންތައް ވެސް ލިޔުއްވައިފައެވެ. ތައުލީމީ ދާއިރާގައި ސޯދުބެ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ގިނަ ސްކޫލުތަކަކަށް ކިޔަވައިދެއްވިއެވެ. ސޯދުބެއަކީ އެތައް މުދައްރިސުންތަކެއްގެ މުދައްރިސެވެ. މީގެ ކުރިން ސޯދުބެ ވަނީ އެކި ދާއިރާތަކުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވައިފައެވެ.
ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، މީގެ ކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުއްވައިފައެވެ.
އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ.
މީގެ އިތުރުން 2 ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަހްމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެންމެ ފަހުން އެރުވި ބޭރުގެ އިއްޒަތްތެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނަށް އެ ލަގަބު އެރުވީ މިދިޔަ ޖޫން މަހުއެވެ.