އިސްލާމްދީނަށް ކުޑައިމިސް ބަސް ރައްދުކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި އަނިޔާވެރި އަމަލުިތައް ހިންގުމަކީ ރާއްޖޭގެ ގައުމިއްޔަތު ދިރުވުމަށްޓަކާ ފަރުވާ ކުރަންޖެހިފައިވާ މައްސަލަތައް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ބަނަވެފައިވާ މި ދުނިޔޭގައި މިއަދު ކުރިމަތިލާން ޖެހިފައިވަނީ ކުރިން ކުރިމަތިވި ކަންތައްތަކާ ނޫން ކަމަށެވެ.
އަދި އެކަންކަމުން އަރައިގަނެ ގައުމިއްޔަތު ހިމާޔަތްކޮށް ގައުމުގެ މުސްތަގްބަލު އާރާސްތުކުރުމަށްޓަކައި އެކަންކަމާ ކުރިމަތިލާން ޖެހޭނީ މިއަދުގެ ވިސްނުމާއި ފިކުރާއި ޒިންމާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
"...އިސްލާމްދީނަށް ކުޑައިމިސް ބަސް ރައްދު ކުރުމާއި ދީނާމެދުގައި ޒުވާނުންގެ ހިތުގައި ޝައްކު އުފެދޭފަދަ ވާހަކަ ދެއްކުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުމަކީ ދިވެހި ގައުމިއްޔަތު ދިރުވުމަށްޓަކާ ފަރުވާ ކުރަންޖެހިފައިވާ މައްސަލައެއް،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅާއި އިސްކުރައްވާ ގޮތްތަކަކީ އެކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި މުހިންމު ސިފަތަކެއް ކަމަށެވެ.
އެހެންކަމުން ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ކަންކަމުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް އެއްބާރުލުން ދީގެން ދިވެހި ހުރިހާ ރައްޔިތުން ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކުމުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.
ވަތަންދެކެ ލޯބިވުމަކީ ގައުމަށް އުފަންވާ ޒިންމާދާރު ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އުފަންވެ ހެދިބޮޑުވާ ވަތަޒަނުގެ ކަރާމަތާއި އިސްތިގުލާލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ ގައުމުގެ ކޮންމެ ދަރިއެއްގެ ޒިންމާއެއް ކަމަށެވެ.
އަދި ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮންނަނީ ގައުމުގެ ހިމާޔަތުގައި ފިދާވެ ގުރުބާންވާނެ ދަރިންތަކެއް ތިބެގެން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ގައުމު ގެންގޮސްދިނުމުގައި ކޮންމެ ފަރުދެއް ވެސް އެ ފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމަކީ ގައުމީ ދުވަހުގެ މުނާސަބަތުގައި އަޒުމް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.