ލ. ފޮނަދޫން ފުރައިގެން އެއަތޮޅު މާމެންދުއަށް ދަތުރުކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން 19 އަހަރުގެ ޝިމާ ނާފިޒު ގެއްލުނު ކަމަށް ބުނާ ސަރަހައްދު ފުލުހުން ބަލަން ފަށައިފިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ފޮނަދޫން މާމެންދުއަށް ޑިންގީއެއްގައި ދަތުރުކުރީ ޝިމާއާއި އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހީމް ފަޒީލެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ، ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ފުލުހުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ފަޒީލު ކުރިން ބުނެފައިވާ ގޮތުގައި ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި ގޮސް އެރުމުންނެވެ. ސިކްސް ސެންސް ރިސޯޓުގައި ތިބި މީހުންނަށް ޑިންގީ ބަންޑުން ޖަހާލި ހަބަރު ދިނުމުން ޝިމާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންނާއި ރިސޯޓުގެ އިތުރުން އަތޮޅުގެ ރަށްރަށުން ފެށިއެވެ. ނަމަވެސް މިހާތަނަށްވެސް ޝިމާގެ އެއްވެސް ހަބަރެއް ނުވެއެވެ.
އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެއެވެ. އޭނާ ބުނެފައިވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ. އޭނާ ފަތާފައި ރިސޯޓާއި ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށްޓަކައި ހަމެއް ދީފައި ކަމަށް ތަހުގީގުގައި ފަޒީލު ބުނެފައިވެއެވެ.
އޭގެ ފަހުން ޝިމާގެ އެއްބަނޑުއެއްބަފާ އަންހެން ކޮއްކޮ ޑިންގީއަކަށް އަރުވައިގެން ދެ ފިރިހެނުންނާއެކު ފަޒީލު ދަތުރުކުރަމުން ދަނިކޮށް ފުލުހުން ގޮސް ވަނީ ހިފަހައްޓައިފައެވެ.