ޚަބަރު

އަމާޒަކަށް ވާންޖެހޭނީ މަރުގެ އިންޒާރުދޭ މީހުންނަށް ނަސޭހަތްދީ އިސްލާހު ކުރުން: ނަޝީދު

މަރުގެ އިންޒާރުދީ މީހުންނަށް ބިރު ދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ނަމަވެސް އަމާޒަކަށް ވާންޖެހޭނީ އެފަދަ މީހުންނަށް ނަސޭހަތްދީ އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ ކަމަށް ބުނެ ދާދި ފަހުން ދެ ޒުވާނަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފައެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރުގެ އިންޒާރުދޭ މީހުންނަށް ބިރު ދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުން ބޭނުންތެރި ކަމަށެވެ. ނަމަވެސް އެފަދަ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ވިދާޅުވިއެވެ.

"ހައްޔަރުކުރުމުގެ ސަބަބުން ނަފްރަތު އިތުރުވެގެން ނުވާނެ. އަމާޒަކަށް ވާންޖެހޭނީ ނަސޭހަތްދީ އިސްލާހު ކުރުން،" ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ ކަމަށް ބުނެ ފުލުހުން އެންމެ ފަހުން ހައްޔަރުކުރީ އަލީ ރަވާއު ނަމަކަށް ކިޔާ ޒުވާނެކެވެ. ފުވައްމުލަކަށް އުފަން އުމުރުން 19 އަހަރުގެ އެ ޒުވާނާ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރުދިން ކަމަށް ބުނެއެވެ.