ހިޔާލު ތަފާތުވުމާއި ބަހުސް އުފެދޭ ކަންކަމުގައި ވެސް، ފިތުނަ ފަސާދައަށް ޖާގަނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސިވިލް ސާވަންޓުންނަށް އިލްތިމާސްތަކެއްކޮށް ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ގައުމުގައި ދެމެމުންދާ އޮއިވަރުތަކާއި ގައުމީ މަސްލަހަތަށް ލޮޅުންއަރާފާނެ ކަންތަކާމެދު ކޮންމެ ސިވިލް ސާވަންޓަކު ވެސް ވިސްނުމަކީ މުނާސަބަތުކަމެއް ކަމަށެވެ.
އަދި ގައުމީ މަސްލަހަތަށް ފުށުއަރާ އަދި ގައުމީ އެއްބައިވަންތަކަމަށް ގުޑުން އަރާފަދަ ކަންކަން ހިނގަމުންދާ ދަނޑިވަޅުތަކުގައި ވެސް ގައުމުގެ މަސްލަހަތު އިސްކޮށް ޒިންމާދާރު ހެޔޮލަފާ އަފުރާދެއްގެ ފަރުދީ ޒިންމާ ކޮންމެ ސިވިލް ސާވަންޓަކު ވެސް އަދާކުރުމަކީ ގައުމުގައި އަމާންކަމާއި ސުލްހަ ދަމަހައްޓައި އުފާ ފާގަތިކަން ފަހިކޮށްދީ، ގައުމުގެ ހެވާއި ލާބަޔަކަށް ފޯރުކޮށްދެވޭނެ އެންމެ ބޮޑު އެހީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ކަންމިހެންއޮތުމާއެކު ހިޔާލު ތަފާތުވުމާއި ބަހުސް އުފެދޭ ކަންކަމުގައި ވެސް ރުޅި އިސްނުކޮށް ކެތްތެރިކަމާއި ހެޔޮ ވިސްނުމުގެ ބޭނުންހިފައި ގައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް ޖާގަނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ މިފަދަ ކަންކަމުގައި ކަންކުރަން އޮންނަ އެންމެ މޮޅު ގޮތްކަމާމެދު ޝައްކެއްނެތެވެ،" ސީއެސްސީގެ ބަޔާނުގައިވެއެވެ.
އެހެންކަމުން މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާވަންޓުންގެ ސުލޫކީ މިންގަނޑާއި ހިލާފުވާ ކަންކަމުގައި ސީއެސްސީގެ ބަޔާނުގައި ވަނީ ހަނދާކޮށްދީފައެވެ.
އޭގެ އިތުރުން ދިވެހި ސިވިލް ސާވިސްގައި ހިދުމަތްކުރާ މުވައްޒަފުންނަކީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަކަށާއި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއެކު އިހްލާސްތެރިކަމާއެކު ހިދުމަތްކުރާ ސިޔާސީގޮތުން ވަކި ފަރާތަކަށް ނުޖެހޭ، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، ގާބިލް ބަޔަކަށް ހެދުމަށް ސީއެސްސީގެ މައްޗަށް ލާޒިމުކުރާއިރު އެ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި ސިވިލް ސާވަންޓުންގެ އުޅުމާއި އަހުލާގު ބެހެއްޓުމަށް ވެސް ބަޔާނުގައި ހަނދާކޮށްދީފައިވެއެވެ.
ސީއެސްސީގެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 19 އަދި 20 ވަނަ މާއްދާގައި ބަޔާންވެގެންވާ ފަދައިން، އެ މުވައްޒަފަކު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އަބަދުމެ ކުރިއަށް ނެރެ އިސްކަންދޭންވާނީ ގައުމީ މަސްއޫލިޔަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.
އަދި އެފަދައިން އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
"ކަންމިހެން ބަޔާންވެގެން ވުމާއެކު ދިވެހި ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ރަސްމީގަޑީގައި އޮފީހުގެ ތެރޭގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްއޫލުނުވުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭން ހިދުމަތްތައް ހަލުވިކޮށް އަވަހަށް ދިނުމަށާއި ރަސްމީގަޑީގެ ބޭރުން ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނައާއި ފަސާދަ އުފެދޭގޮތަށް ފުރުސަތު ނުދިނުމަށާއި ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް ޖާގަނުދިނުމަށް މި ކޮމިޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ،" ސީއެސްސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.