ޚަބަރު

މަޝްވަރާއާއި ލަފާ ނުހޯދައި ސަގާފީ ތަރިކަތައް ހޯދަން ތަންތަން ނުކޮނުމަށް ހެރިޓޭޖުން އިލްތިމާސްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ހޯދުމަށް ފަހަކަށް އައިސް ތަންތަން ކޮނެ ހަދާކަން ފާހަގަކުރެވޭތީ އެފަދަ ކަންކަން ނުކުރުމަށް ހެރިޓޭޖު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ ހިލާފަށް ސަގާފީ ތަރިކަތައް ހޯދުމަށާއި އާންމުކުރުމަށާއި އެނޫން ވެސް ބޭނުންތަކުގައި ތަންތަން ކޮނެހަދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތްތައް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ އެތަންތަނަށް ދެވޭ ގެއްލުމެއް ކަމަށާއި ހާއްސަގޮތެއްގައި ކަމުގެ ތަޖުރިބާހުރި ދާއިރާގެ މީހުންގެ ބައިވެރިވުން ނެތި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ނުހޯދައި، ތަންތަން ކޮނުމަކީ އެ ތަންތަނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންވެ، ތަނުގެ އަސްލު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލަތްތައް ބޭނުން ނުކޮށް ކޮނުމަކީ ކަނޑައެޅިގެން އާސާރީ އަދި ތާރީޚީ އެއްޗަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށްވާއިރު އެކަންކަމަށް ނުވިސްނައި ކަންކުރުމަކީ ގާނޫނާއި އަދި މަރުކަޒުން ގެންގުޅޭ އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.

''...ގާނޫނީ ގޮތުން ހުއްދަލިބިފައިވާ ފަރާތަކުން ވެސް މިފަދަ ތަންތަން ކޮންނަންވާނީ، ކޮނުމަށާއި ކޮނުމަށްފަހު އަމަލުކުރާނޭގޮތުގެ ތަފުސީލުތައް ޕްލޭންކޮށް އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން، ކަނޑައެޅޭ ސައިންޓިފިކް ހަމަތަކާއި، އެކަމަށް ހާއްސަކުރެވިފައިވާ ތަކެތި ބޭނުންކޮށްގެންނެވެ. އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތްތައް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެކެވެ،.'' ހެރިޓޭޖް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރި ކުރެވޭނެ ގޮތުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށްގެން މެނުވީ އެފަދަ ތަންތަން ކޮނުމަކަށް ގާނޫނު ތަން ނުދޭ ކަމަށާއި އެނޫން ގޮތަކަށް މިފަދަ ތަންތަން ކޮންނަނަމަ އެތަންތަނާއި ތަކެއްޗަށް ގެއްލުންލިބި ސަގާފީ ތަރިކައެއް އަބަދަށްޓަކައި ގެއްލިދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސަގާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އަދި އެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިީ މިދިޔަ މަހުގެ 13 ގައެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައި ވަނީ ސަގާފީ ތަރިކައާއި އޭގެތެރޭގައި ހިމެނޭ އާސާރީ ބިނާތަކާއި އާސާރީ ސަރަހައްދުތަކާއި މައުނަވީ ސަގާފީ ތަކައާއި ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ބަޔާންކޮށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަކީ ކޮބައިކަން ކަނޑައަޅައި، ތަރިކައާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށް، ސަގާފީ ތަރިކައިގެ ގާނޫނު ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ހެރިޓޭޖު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

އެ ގާނޫނުގެ 29 ވަނަ މާއްދާގައި ސަގާފީ ތަރިކަ ކަމަށް ބެލެވިދާނެ، އެއް ތަނުން އަނެއް ތަނަށް ނުގެންދެވޭ ފަދަ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ ފެނުނު ކޮންމެ ފަރާތަކުން އެ އެއްޗެއް ނުވަތަ އެ ތަނެއް ފެނުނުތާ 48 ގަޑިއިރުގެ ތެރޭގައި އެކަން ރަށު ކައުންސިލްގެ އިދާރާއަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނުނު ސަރަޙައްދެއް އަލުން ހޯދޭފަދަ ގޮތަކަށް ފާހަގަކުރަންވާނެއެވެ.

އަދި އެފަދަ އެއްޗަކާ ނުވަތަ ތަނަކާބެހޭ މައުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން އެކަން މަރުކަޒަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެފަދަ އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެ ކުރަމުންދާ މަސައްކަތެއް ވަގުތުން ހުއްޓާލައި، އެ ކަމުގެ މައުލޫމާތު ލަސްނުކޮށް މަރުކަޒަށް އަންގަންވާނެ ކަމަށާއި އަދި އެ މަސައްކަތެއް އިތުރަށް ކުރިއަށް ގެންދަންވާނީ މަރުކަޒުން އަންގާ ގޮތެއްގެ މަތިންކަމަށް ވެސް ގާނޫނުގައިވެއެވެ.