ހުޅުމާލޭގައި އަޅާ ފުޓްބޯޅަ ޓްރެއިނިން ސްކޫލްގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް އެހެން ވިދާޅުވެފައިވަނީ އެ ސްކޫލުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކޮންސްޓްރަކްޝަން ސައިޓަށް ޒިޔާރަތްކުރެއްވުމަށްފަހު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ފިޔަވަހި ހުޅުވުމަށް ތާވަލުކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތަކީ މިދިޔަ ސަރުކާރުން ފެށި މަސައްކަތެކެވެ. އެ މަސައްކަތް ހާވާލުކޮށްފައިވަނީ އެފްއޭއެމްއާއެވެ. އެ މަސައްކަތަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން ކުރާ މަސައްކަތެކެވެ.
އެ ޓްރެއިނިން ސްކޫލު ހިންގަނީ އެތަނުގައި ކުދިން ބައިތިއްބައިގެން އެކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. ތަމްރީނުގެ އިތުރުން ތައުލީމުގެ ކަންކަން ވެސް އެ ސްކޫލުގައި ކުރިއަށްގެންދާނެއެވެ.