ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް މަޖިލީހުން ފާސް ކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ މި ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މިއަދުއެވެ. ރައީސް މިއަދު ތަސްދީގު ކުރެއްވި މި ބިލަކީ ރައްޔިތުންގެ މަޖިލީހުން މިމަހު 16ގައި ބޭއްވި މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 54 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލް ފާސް ވުމާއެކު ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އުނިވެގެންދާނެއެވެ. އެއީ ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް، ނުވަތަ ރައްކާތެރިކަން ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ދިހަ އަހަރު ފަހުން ކަމަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މާއްދާ އެވެ.
މި ގާނޫނުގައި ކުރިން އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ ދިވެހި މަންމަ އަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައި ވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ކަމަށެވެ.
މި އިސްލާހަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖައްސާގައި ގެނައި އިސްލާހެކެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުން މިއަދު މި އިސްލާހު އުވާލުމާއެކު ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެއެވެ.