ތިމާވެށި

ހިމާޔަތް ކޮށްފައިވާ ސަރަަހައްދުތަކުގައި އުމްރާނީ ތަރައްގީ އާއި އާމްދަނީ ލިބޭނެ ކަންކަން ހިމެނޭ މަޝްރޫއެއް ފަށަނީ

މަރިޔަމް ޝަހުދާ

ސަރުކާރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ގާނޫނުގެ ދަށުން އުތުރުގައި ހިމާޔަތް ކޮށްފައިވާ ސަރަަހައްދު ތަކުގައި އުމްރާނީ ތަރައްގީ އާއި އާމްދަނީ ލިބޭނެ ކަންކަން ހިމެނޭ މަޝްރޫއެއް ފަށަން ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއީ ވަނީ ހދ. ނޭކުރެންދޫ ކަނޑޫފާގައި ކުރިއަށް ގެންދިއުމަށް ރަނގަޅު ޕްރޮޖެކްޓެއް އޮތް ކަމަށް މިނިސްޓަރު އެރަށަށް ވަޑައިގެންނެވި އިރު ވިދާޅުވެފައި ވާއިރު، އެ މަސައްކަތް އަމަލީ ގޮތެއްގައި ފެށޭނީ ކޮން އިރަކުތޯ ސުވާލު ކުރައްވާފައެވެ.

ރާއީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސެއިން ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ވަކި ސަރަހައްދެއް ހިމާޔަތް ކުރުމުގެ އިތުރުން އެ ސަރަހައްދެއްގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހޭ ކަމަށެވެ. އެ ސަރަހައްދުގައި އިންވެސްޓްމަންޓް ޕްލޭނެއް ކުރެވޭނީ މެނޭޖްމަންޓް ޕްލޭނުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މޯލްޑިވްސް ގްރީން ފަންޑުގެ ދަށުން، ހިމާޔަތް ކޮށްފައި އޮތް ސަރަހައްދުގައި އިންވެސްޓް ކުރުމަށްޓަކައި ޕްލޭނެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަޖެޓުގައި ހިމަނާ މި ޕްލޭންގެ ދަށުން ނޭކުރެންދޫއަށް ވެސް އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވިއެވެ.

''ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެބަ ހިމަނަން މޯލްޑިވްސް ގްރީން ފަންޑުގެ ދަށުން، ހިމާޔަތް ކޮށްފައި އޮތް ސަރަހައްދުގައި އިންވެސްޓް ކުރުމަށްޓަކައި ޕްލޭނެއް. އެހެންވީމަ އެ ބަޖެޓު ފާސް ވީމާ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީ ސަރަހައްދުވެސް އަދި މުޅި ބޮޑު ތިލަދުންމަތި ސަރަހައްދުވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން ހިމާޔަތް ކޮށްފައި އޮތް ސަރަހައްދުގައި މެނޭޖްމަންޓް ޕްލޭން ތަންފީޒުކޮށް އިންވެސްޓްމަންޓްތައް ކުރާއިރު ނޭކުރެންދޫގައިވެސް އެ އިންވެސްޓްމަންޓްތައް ކުރެވޭނެ.''

މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭ ބޮޑު ތިލަދުންމަތީގެ ތިން ރަށެއްގެ ކުޅި ވަނީ ހިމާޔަތް ކޮށްފައެވެ. އެއީ ހދ. ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދު، ހދ. ނޭކުރެންދޫގެ ކުޅިއާއި ފާ އަދި ޗަސްބިން ސަރަހައްދުގެ އިތުރުން ހއ. ބާރަށު ކުޅިއާއި ފާ އަދި ޗަސްބިން ސަރަހައްދެވެ. މީގެ އިތުރުން މިދިޔަ ޖޫން މަހު ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެއީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ. ނާލާހުރާ، ނ. ފޮއްދިއްޕަރު، ނ. ބޮޑުޅައިމެންދޫ، ނ. ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ. އޮރިމަސްތިލަ އެވެ.