އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯން ތަކުގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ދޫކުރުމަށްޓަކައި ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާގޮތައް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ޓޫރިޒަމަށް އައްޑޫން ބިން ދޫކުރުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން ކުރިން އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ބިޑު ޑޮކިޔުމެންޓް ވިއްކާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް އިއްޔެ އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިން ބިޑު ވިއްކަން ފަށަން ހަމަޖައްސާފައިވާ ތާރީހު ބަދަލުވެފައިވާ ކަމަށާއި، މިހާރު ބިޑު ވިއްކާނީ މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 12:00އާ ހަމައަށް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން ކަމަށެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާ ކުރުމަށް، އެ ސިޓީގައި 8،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅުގެ ދަށުން އައްޑޫ ސިޓީގައި ގާއިމް ކުރާ ފުރަތަމަ 4،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސޮއިކޮށްފައެވެ.
މިހާރު އޮތް ގަވާއިދުގެ ދަށުން، ގެސްޓް ހައުސްއަށް ދޫކުރުމަށް ހަމަޖައްސާފައި ވަނީ 5000 އަކަފޫޓުގެ ބިން ކަމަށާއި ސިޓީ ހޮޓަލަކަށް ދޫކުރަނީ 10،000 އަކަފޫޓުގެ ބިން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ ވިދާޅުވެފައެވެ.