ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގަތީ، އެގައުމުގެ އާ އެމްޕެރާ ރަސްމީގޮތުން ތަހުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނު ސަރުކާރުން ދެއްވި ހާއްސަ ދައުވަތަކަށް، މިމަހުގެ 18 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ޖަޕާން ސަރުކާރުގެ އިސްބޭފުޅުންނާ އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައިފައެވެ.
ދެ ގައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެގައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާތަކުން އިތުރަށް ބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ވެސް ހޭދަ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުތަކުގައި ރަނގަޅުފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަނަވަސްކޮށްދެއްވުން ކަމަށެވެ.