އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ލީގު މެޗުގައި ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތާ 47 ސިކުންތު ތެރޭ ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސޮން ހިއުން މިން ފޮނުވާލި ހަމަލާއެއް ލިވަޕޫލް ގޯލުގެ ހުރަސް ދަނޑީގައި ޖެހި ނުކުތުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
އެ ލަނޑާއެކު ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ޓޮޓެންހަމްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ކައިރިކައިރީގެ ލިވަޕޫލްގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު އަދި ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯ ފޮނުވާލި ހަމަލާ ވެސް ޓޮޓެންހަމްގެ ކީޕަރު ޕައުލޯ ގަޒަނިގާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
އެ މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓޮޓެންހަމްއަށް ރަނގަޅަށް ދިފާއު ނުކުރެވުމުގެ ސަބަބުން ލިބުނު ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ޕެނަލްޓީއަކުން ލީޑު ހޯދައިފައެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސާޑިއޯ މާނޭއަށް ސާޖް އޮރިއާ ކުރި ފައުލަކާ ގުޅިގެންނެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަލާހެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ދިހަ މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ދިހަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް ޗެލްސީ، އެއިން ކޮންމެ ޓީމަކަށް ދިހަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ލެސްޓާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.