ޝަހީދާ އަބްދުﷲ ސައީދު
ބ. ހިބަޅިދޫ މައްސަލަ ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ހައިކޯޓުން މިއަދު ފުލުހުންނަށް ހުށަހަޅައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މިއަދު ފުލުހުންނަށް އެ މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައިވަނީ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ފެންނާތީ ކަމަށް އެ ކޯޓުން ބުނެއެވެ.
ހައިކޯޓުން ފުލުސް އޮފީހުގައި އެދުނީ، ފަނޑިޔާރުންގެ ފަރާތުން ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯ އާއި ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯ އާއި އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށެވެ.
ހައިކޯޓުން ބުނީ، އެ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ތިއްބެވީ ތައްޔާރަށެވެ. އަދި އެފަދަ މައްސަލަތައް ބަލަން ޖެހެނީ، މިއީ ސީދާ މުޅި ޝަރުއީ ދާއިރާގެ އިތުބާރާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މިފަދަ ކަންކަން ބެލުމަކީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީ ކަމަށް ހައިކޯޓުން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ބ. ހިބަޅިދޫ ދޫކުރީ ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް)އަށެވެ. ނަމަވެސް އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެމްއެމްޕީއާރްސީން އެ ރަށް 50 އަހަަރަށް ކުއްޔަށް ދޫކުރުމުން ދައުލަތަށް ދައްކަންޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމަށް ބުނެ ރިޔާޒު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެއްލެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ގާޒީ ހަލީމް ބެއްލެވި ހިބަޅިދޫ މައްސަލަ ނިންމެވީ ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށެވެ. ހިބަޅިދޫ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެ ރަށް އަލުން ދިނުމަށް އެންގިއެވެ. ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހި ދައުލަތުން އެ މައްސަލަ ހައިކޯޓަށް ވެއްދިއެވެ.
ނަމަވެސް ބިޒްނާސް މޯލްޑިވްސްއަށް ހިބަޅިދޫ އަލުން ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ. އަދި އެ އެއްބަސްވުން ދައުލަތުން ބާތިލްކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމިއެވެ.
ބިޒްނާސް މޯލްޑިވްސްގެ ރިޔާޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ނުދަންނަ ނަންބަރުތަކުން ގުޅައި، އޭނާއާ އެއްކޮޅަށް މައްސަލަ ނިންމަން ބޭނުންވާނަމަ ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ ބަޔަކު ބައްދަލުކުރަން އައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެ ހުށަހެޅުންތަކަށް އޭނާ އިންކާރު ކުރީ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.