އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ) އާއެކު ގައުމީ ޓީމު މެލޭޝިއާގައި ކޭމްޕް ކުރުމަށް ފުރައިފިއެވެ.
ގައުމީ ޓީމު މެލޭޝިއާގައި ކޭމްޕް ކުރުމަށް މިރޭ ފުރާފައިވަނީ ވޯލްޑް ކަޕްގެ ކޮލިފައިންގައި އަންނަ މަހުގެ 14 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހުގެ 19 ވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.
ގައުމީ ޓީމާއެކު ގުއާމްއާ ދެކޮޅަށް ކުރިން ކުޅުނު މެޗަށް ގައުމީ ޓީމާއެކު ބައިވެރިނުވުމުގެ ސަބަބުން ސްކޮޑުން ބާކީ ކުރި ސެންޓޭ އާއި ރިޒޭއަށް ވަނީ އަލުން ޓީމުން ފުރުސަތު ދީފައެވެ. ސެންޓޭ އާއި ރިޒޭ އަލުން ޓީމަށް ނަގާފައިމިވަނީ އެ ދެ ކުޅުންތެރިން މައާފަށް އެދިފައި ވަނިކޮށެވެ.
މިފަހަރުގެ ޓްރޭނިން ކޭމްޕްގައި 26 ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ދިހަ ކުޅުންތެރިޔަކާއި ކްލަބު އީގަލްސްގެ ފަސް ކުޅުންތެރިޔަކާއި ކްލަބު ގްރީން ސްޓްރީޓްސްގެ ހަތަރު ކުޅުންތެރިޔަކާއި ފޯކައިދޫ ފުޓްބޯލް ކްލަބުގެ ދެ ކުޅުންތެރިޔަކާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި ޓީސީ ސްޕޯޓްސްގެ ދެ ކުޅުންތެރިޔަކާއި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިއެވެ.
މިއަދު ފުރި ޓީމު އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވެއެވެ.