ޚަބަރު

އެމްޑީއެންގެ މައްސަލައިގައި އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަން ޖެހޭނީ ކޮމިޝަނަރު ހަމީދު: އިދިކޮޅު

ޝަހީދާ އަބްދުﷲ ސައީދު

1

އިސްލާމް ދީނަށާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި ސަރުކާރުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަންޖެހޭނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޕޮލިސް ކޮމިޝަނަރު ހަމީދު އެމްޑީއެންގައި ދުވަސްކޮޅަކު މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ވެސް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި އޭނާ ހުންނަވައިގެން އެމްޑީއެންގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ނުހިންގޭނެކަން ފާހަގަކޮށް ޝިޔާމް ވަނީ، އެމައްސަލައިގައި އެންމެ ފުރަތަމަ ސަރުކާރުގެ ތެރެއިން ބޭފުޅަކު އިސްތިއުފާ ދެއްވާނަމަ ހަމީދު އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.

"އަޅުގަނޑުމެން މިވާހަކަ ދައްކާއިރުވެސް އެނގޭ މިއަދު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އެމްޑީއެންގައި ހަރަކާތްތެރިކޮށް އުޅުއްވާފައިވާ ބޭފުޅެއްކަން. އެބޭފުޅާ އިސްވެ ހުންނަވާ އެ ތަހުގީގެއް ފުރިހަމައަށް ނުހިންގޭނެ. ޕޮލިސް ކޮމިޝަނަރު، އެމްޑީއެން ހަމީދު އެމަގާމުގައި ހުންނަވައިގެން އެމްޑީއެންއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެމައްސަލައިގައި އެންމެ ފުރަތަމަ ސަރުކާރުގެ ތެރެއިން ބޭފުޅަކު އިސްތިއުފާ ދެއްވާނަމަ ހަމީދު އިސްތިއުފާ ދެއްވަން ގޮވާލަން,'' ޝިޔާމު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީއެންއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލުމަށް އަންގައި އިންޒާރުގެ ފޯނު ކޯލުތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް ދޭ އިންޒާރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ރައްޔިތުން ވެސް އަޑު އުފުލާނެ ކަމަށާއި އެކަން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް 100 އަށްވުރެ ގިނަ ކައުންސިލުތަކުން ނެރުނު ބަޔާނުން ވެސް ސަރުކާރަށް ހާމަވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟