ޚަބަރު

ރައްކާތެރި ނޫން ގޮތުގައި މީހުންނާއި މުދާ އުފުލުން ހުއްޓުވަން ގާނޫނަށް އިސްލާހު ގެންނަނީ

ޝަހީދާ އަބްދުﷲ ސައީދު

ރައްކާތެރި ނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައުމަށް ހުށަހެޅި އިސްލާހު ރައީސް އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި، އަދި ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، އެ ގާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫން ވެސް އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެގޮތުން، އެ ގާނޫނަށް ގެނެވޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް އިސްލާހުކުރުން ހިމެނެއެވެ.

އަދި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ހާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން އުޅަނދު ދުއްވާ ހާލަތުގަ އާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ހާލަތުގަ އާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ހާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުސޫލެއް މި ގާނޫނުން ކަނޑައަޅަން ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުމާއި މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިހާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުން ވެސް ހިމެނެއެވެ.

އެ ބިލުގައި އިތުރަށް ހިމަނާފައިވަނީ، ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައި ހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލު ގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭގޮތަށް ހަމަޖެއްސުމެވެ.

އަދި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމާއި އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިސްލާހުކުރުން ވެސް އޭޖީ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވި ބިލުގައި ހިމެނެއެވެ.