ޚަބަރު

ފެނާއި ނަރުދަމާގެ ނިޒާމާބެހޭގޮތުން ފަޒުލް ރަޝީދު މިނިސްޓަރު ހުސެއިން ރަޝީދުއާ މާދަމާ ސުވާލު ކުރައްވަނީ

އިބްރާހިމް ޒަކީ

ވ.އަތޮޅުގެ ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކާބެހޭގޮތުން، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު، މިނިސްޓަރ އޮފް އެންވަޔަރަންކަންޓް ޑރ.ހުސެއިން ރަޝީދު ހަސަންއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާގޮތުން، ފަޒުލް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންއާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން ވ. ފެލިދޫ އާއި ފުލިދޫ އާއި އާއި ތިނަދޫގެ ފެނުގެ ނިޒާމާއި، ތިނަދޫގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކާބެހޭގޮތުންނެވެ.

އެ މަސައްކަތައް ޕްރޮޖެކްޓް ކޮށްފައިވާއިރު، އިންޑިއާގެ އެގްޒިން ބޭންކުގެ ލޯނު އެހީގައި މިއަހަރު މާޗް މަހުގެ 28 ގައި އިއުލާން ކޮށްފައިވާ ކަން ފާހަގަކޮށް އެ ލޯނު ފައިސާ މިހާރު ސަރުކާރަށް ލިބިއްޖެތޯ ފަޒުލް މިނިސްޓަރާ ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކޮންޓްރެކްޓުގެ އުސޫ ލުން ބަޔަކާ ހަވާލުކޮށް މި އަހަރު ތެރޭގައި އެ މަސައްކަތް ފެށޭނެތޯ، އަދި އެކަމުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހޯދުމަށްވެސް ސުވާލު ކުރުމަށް އެޖެންޑާގައި ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ބައެއް ބިލު ތަކާއި ބައެއް މުއައްސަަސާތަކަށް ބޭފުޅުން އައްޔަްނ ކުރުމަށް ކޮމިޓީތަކުން ފޮނުވާފައިވާ ބައެއް ރިޕޯޓްތައް ތަޅުމަށް ހުށަހެޅުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޯށްފައެވެ.