ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖަމިއްޔާތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
އެޓަނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލަކީ ކޮންމެ ފަރާތަކަށްވެސް ޖަމިއްޔާ، ޖަމާއަތްތައް ހެދުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި މި ބިލުގައި ރާއްޖޭގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގެ އުސޫލު ބަޔާންކޮށް، ޖަމިއްޔާތަކަށް ފައިސާ ހޯދުމުގެ އިތުރުން ޖަމިއްޔާތައް ދަރަންޏަށް ޒިންމާވުމާއި ގުޅޭ ގޮތުން ބަޔާން ކޮށްފައިވާނެ ކަމަށް އޭޖީ އިން ބުނެއެވެ.
މީގެ އިތުރުން މި ބިލުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ކަމާއެކު ހިންގޭނެ ނިޒާމެއް ގާއިމްކޮށް، ޖަމިއްޔާގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ބަޔާންކޮށް، ގާނޫނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ޖަމިއްޔާ ހިނގަމުންދާތޯ ބެލޭނެ ގޮތް ކަނޑައަޅާފައިވާނެ ކަމަށް އޭޖީ އިން ބުނެއެވެ. ހަމައެއާއެކު ޖަމިއްޔާތައް ޒިންމާދާރު ކުރެވޭނެ ހަމަތައް ބަޔާންކޮށް، ޖަމިއްޔާ އުވާލާނެ ގޮތާއި އަދި އެނޫންވެސް ޖަމިއްޔާ ހިންގުމާއި ގުޅޭ އެކި ކަންކަން މި ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
އެގޮތުން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމަށް މިހާރު ގެންގުޅޭ އުސޫލުތައް، އިތުރަށް ހަރުދަނާ ކުރުމަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ކަންކަން އޭޖީ އިން ފާހަގަކޮށްފައިވެއެވެ. އޭޖީ އިން ބަދަލު ގެނައުމަށް ލަފާ ދީފައިވާ އުސޫލުތަކަކީ؛
މި ބިލުގައި އޭޖީއިން ވަނީ ޖަމިއްޔާގެ މާލީ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ވަކި އުސޫލުތަކެއް ހިމަނާފައެވެ. އެގޮތުން ޖަމިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާގެ އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބު ބެލެހެއްޓުމުގައި އަމަލް ކުރަން ޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މި ބިލު ގާނޫނެއްގެ ގޮތުގައި ފާސްވެއްޖެ ނަމަ 2003 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ޖަމިއްޔާތަކުގެ ގާނޫނު އުވިގެންދާނެ އެވެ.