މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް އަދި ހިތްވަރުު ދިނުމުގެ ގައުމީ އިނާމު 21 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމިޓީއަކީ ގައުމީ އިނާމަށް ހޮވާނެ ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީއެކެވެ. މި ކޮމިޓީން މިއަހަރު ފަސް ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މީގެ ތެރެއިން ދެ ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެގޮތުން މާދަމާރޭ ދަރުބާރުގޭގައި ގައުމީ ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާގައި މި ބޭފުޅުންނަށް އިނާމު ދެއްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ޖޫން މަހު ފުރުސަތު ހުޅުވަލާފައިވަނީ 33 ދާއިރާއަކުންނެވެ.