އިބްރާހިމް ޒަކީ
ހަމަނުޖެހުމަށް ގޮވާލައި ބާއްވަމުންގެންދާ ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވިސް މުވައްޒިފުން ބައިވެރި ނުވުމަށް ސިވިލްސާވިސް ކޮމިޝަން (ސިއެސްސީ)އިން ބާރު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، މަޖިލިސް ރައީސް މިކަމަށް އެދިވަޑައިގެންނެވީ، މަޖިލިސް އިދާރާގައި ސިވިސް ސާވިސް ކޮމިޝަންގެ މެންބަރުނާ ބައްދަލު ކުރައްވައި އެމަނިކުފާނު މިއަދު ކުރިއަށް ގެންދެވި މަޝްވަރާ ތަކުގައި ކަމަށެވެ.
އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ސިވީސްސާވިސް މުވައްޒިފުންނަށް ފުރިހަމައަށް ލިބިވަޑައިގަންނަވާ، ކަމަށް މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށްވެސް އަމީން އާއްމު ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ، ސިވިލްސާވިސް މުވައްޒިފުންނަށް ލިބިދޭ، އެއްވެ އުޅުމުގެ މިނިވަން ކަމާއި، ހިޔާލު ފާޅު ކުރުމުގެ ހައްގާބެހޭގޮތުން، ސިވިލްސާވިސްގެ ޒިންމާދާރު އިސް ވެރިންނާއި އޮފީސްތަކުގެ ވެރިން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްއެއް ހިންގަވައި ދެއްވުމަށް މަޖިލިސް ރައީސް ސިވިލްސާވިސް ކޮމިޝަނުގެ ކިބައިން އެދި ވަޑައިގެންނެވި ކަމަށެވެ.
އަދި ސިވިލްސާވިސް މުވައްޒިފުންނަށް ވެސް އެފަދަ ޕްރޮގްރާމްތައް ހިންގަވައި ދެއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް އަމީން އާއްމު ވިދާޅުވިއެވެ.