ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުކުރީގައި އެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ހަންޏާމީދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ނައިބު ރައީސް އާ ހިއްސާކުރައްވާފައި ކަމަށެވެ.
އެގޮތުން ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނުފެށި އޮތުމާއި، ނަރުދަމާ ނިޒާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އެ ރަށު ކައުންސިލަރުން ވަނީ ނައިބު ރައީސް އާ ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ކުނީގެ މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭގޮތުންނާއި ސިއްހީ ދާއިރާއާ، ތައުލީމީ ދާއިރާއިން ހައްލުކުރަން ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ބައެއް ކަންކަމުގެ މައުލޫމާތު ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަނީ ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ފެނުގެ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އަދި ނަރުދަމާ ނިޒާމާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލަރުން ފާހަގަ ކުރެއްވި އެހެނިހެން ކަންކަމުގައި ވެސް ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އެހީ އާއެކު އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.