ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ)އިން ބަލަމުން އަންނަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުން އަންނަ ބުދަ ދުވަހަށް ފަސްކޮށްފި އެވެ.
ޖޭއެސްސީން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ ފަނޑިޔާރު އާދަމް މުހައްމަދުގެ އެދިވަޑައިގަތުމަކަށް ޖޭއެސްސީ އިން ނިންމި ނިންމެވުމެކެވެ.
ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ އަޑުއެހުން ފަސްކޮށްފައިވަނީ އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް ކަމަށެވެ. ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން (ޕޯސްޓް ބިލްޑިގް ގެ ހަވަނަ ފަންގި ފިލާ) ގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި އަޑުއެހުމަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުން ގަޑިޖެހުމުގެ 15 މިނެޓު ކުރިން އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ޖޭއެސްސީން އެދެއެވެ.
މީގެ ކުރިން ވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލައި ޖޭއެސްސީން ވަނީ ނަސޭހަތް ދޭން ނިންމައިފަ އެވެ.
ނަމަވެސް ޖޭއެސްސީގެ ނަސޭހަތް ގަބޫލުފުޅު ނުކުރެއްވުމަށް ފަނޑިޔާރު ވަނީ ނިންމަވައިފައެވެ.