ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމައަށް ދައްކާލުމުގެ މަގުސަދުގައި ބާއްވާ "ރިވެލި މައުރަޒު" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން މައުލޫމާތުދެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު އަންނަ ނޮވެމްބަރު މަހު 14 ވަނަ ދުވަހުގެ 14:00 ގެ ހުށަހަޅަން ޖެހޭނެކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި މައުރަޒުގެ ތެރޭން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން އެކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެ ކަމަށެވެ. އަދި މިފަދަ ފުރުސަތުތަކުގެ ސަބަބުން މި ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.