އެފްއޭއެމް

ގައުމީ ޓީމުގެ ކުޅުންތެރީންނަށް ސިއްހީ ހިދުމަތް ދޭ އެފްއޭއެމްގެ މެޑިކަލް ޔުނިޓް ބަންދުކޮށްފައި ހުންނަތާ ހަތަރު މަސް!

1

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެޑިކަލް ޔުނިޓް، ބަންދުކޮށްފައި ހުންނަތާ ހަތަރު މަސް ވެއްޖެ އެވެ.

މި މެޑިކަލް ޔުނިޓަކީ ގައުމީ ފުޓުބޯޅަ ޓީމާއި އެ ނޫން ވެސް ގިނަ އަދަދެއްގެ ކުޅުންތެރީން ތަކަކަށް ހިލޭ ސިއްހީ ހިދުމަތް ދެމުން އައި ތަނެކެވެ.

މި ޔުނިޓުގެ ކަންކަން އިސްވެ ބަލަހައްޓަވާ އަދި އެތަނުގައި ކުޅުންތެރީންނަށް ސިއްހީ ހިދުމަތް ދެއްވަވާ، ގައުމީ ފުޓުބޯޅަ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެސިޑެންޓް ޑރ. އަހުމަދު ޝަކީބު "ވަން" އަށް ވިދާޅުވީ މި ޔުނިޓު ބަންދު ކުރީ ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

"ހެލްތު މިނިސްޓްރީން ސިޓީއެއް ފޮނުވާފަ އޮތީ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން މި ފަދަ އެއްވެސް ތަނެއްގައި ހިދުމަތް ދޭން ޖެހޭނީ ވަކީން ރަޖިސްޓްރީން ކޮށްގެން ކަމަށް. އެހެންވެ ހަމަ އެދުވަހުން ފެށިގެން އެތަން އެ ހުރީ ބަންދުކޮށްފަ. އެ ތަނަކީ ކޮންމެ ދުވަހަކު ކުޅިވަރު ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރީންނަށް ހިދުމަތް ލިބެމުން ދިޔަ ތަނެއް." ޑރ. ޝަކީބު ވިދާޅުވި އެވެ.

ޝަކީބު ވިދާޅުވީ، ކުޅުންތެރިޔަކަށް އަނިޔާއެއް ވެއްޖެ ނަމަ މިހާރު ލަފާދެނީ އެކަމަކާ ގުޅޭ ސިއްހީ ހިދުމަތް ދޭ ތަނަކަށް ދާން ކަމަށާއި އެ މީހުން ބައެއް ފަހަރު އެކަން ކުރަން ޖެހެނީ އަމިއްލައަށް ހަރަދުވެސް ކޮށްގެން ކަމަށެވެ. އަދި މި މެޑިކަލް ޔުނިޓަކީ، ފީފާގެ އުސޫލުތަކާއި ގަވައިދުތައް ލާޒިމުކުރާ ޔުނިޓެއް ކަމަށާއި އެ ހިދުމަތް ހުއްޓިފައި އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"މި ތަނުގެ ހިދުމަތް ދެމުން އަންނަތާ 23 އަހަރު ވެއްޖެ. މީ ކުލިނިކެއް ނޫން. ހޮސްޕިޓަލެއް ނޫން އަދި މެޑިކަލް ސެންޓަރެއް ވެސް ނޫން. މީ ފީފާގެ ގަވައިދުގެ ދަށުން ލާޒިމުކުރާ މެޑިކަލް ޔުނިޓެއް. މިފަދަ ޔުނިޓުތައް ސްކޫލުތަކުގައިވެސް ހެލްތު ޔުނިޓު ނޫނީ ހެލްތު ރޫމުގެ ގޮތުގައި އެބަ ހުރޭ. އެ ތަންތަނުން ދޭނީ ވަކި ކަހަލަ ހިދުމަތްތަކެއް. އެތަންތަން ވެސް ހިންގާނީ ވަކީން ރަޖިސްޓްރީ ކޮށްގެނެއް ނޫން. އެކަމަކު ދެން މިހާރު އޮތް ގޮތުން ރަޖިސްޓްރީ ވީމަ ހިދުމަތް ދެވޭނީ." ޝަކީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށް އެބަދާ ކަމަށާއި އެކަންކަން ނިމިގެން ހުޅުވޭނެ ސީދާ ދުވަހެއް އަދި ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު ގަވައިދަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްލިއަކަށް މި ފަދަ ތަނެއްގެ ހިދުމަތް މެދުކެނޑޭ ގޮތަށް ކަންކަން ވެގެން ދިޔުން ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ބަދަލުތައް އަންނަން ޖެހޭނީ ހިދުމަތް ނުހުއްޓޭ ގޮތަށް ކަމަށް ވެސް ޝަކީބު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟