ޚަބަރު

ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދަށްވެއްޖެ

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރި ދަަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ދިރާސާގައި ބައިވެރިވި ވިޔަފާރި ތަކުން ބުނެފިއެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ، ތިން ވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގައި ބައިވެރިވި ގިނަ ފަރާތް ތަކުން ބުނެފައިވާ ގޮތުގައި މި ކުއާޓަރުގައި މުދާ ގަންނަން އޯޑަރު ލިބުނު އަދަދު ދަށްވުމުގެ އިތުރުން މުދާ ވިއްކުނު އަގު ވެސް ވަނީ ދަށްވެފައެވެ.

ސާވޭގައި ބައިވެރި ގިނަ ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި ނިމިދިޔަ ކުއާޓަރުގައި ހޯލްސޭލް، ރީޓެއިލް ވިޔަފާރި ދަށްވި ނަމަވެސް، އަހަރުގެ ފަހު ކުއާޓަރުގައި ވިޔަފާރި ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

އެގޮތުން ހަތަރުވަނަ ކުއާޓަރުގައި މުދާ ވިކޭ އަދަދު 86 ޕަސެންޓް އިތުރުވެ، ވިޔަފާރި ރަނގަޅު ވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި ވިޔަފާރީގެ ސްޓޮކް ވެސް އިތުރު ވެގެންދާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އޭގެއިތުރުން އެމްއެމްއޭގެ މި ސާވޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިކުރާ 174 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ 25 ސެޕްޓެމްބަރު މަހުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.