ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަގުތެއް ނެތް، އެކަމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޝާހިދު

ތަރަރައްގީ ވަމުން އަންނަ މި ދުނިޔޭގައި ރާއްޖެފަދަ ގައުމުތަކަށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަގުތެއް ނެތް ކަމަށާއި އެހެންކަމުން ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ނަން-އެލައިންޑް މޫވްމަންޓް (ނާމް) ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސަމިޓްގައި ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ދެމިއޮތުމަށް ނުރައްކާވަމުން އަންނައިރު، ސަޕްލައި މަދުވުމާއި ކާބޯތަކެތީގެ އިންފުލޭޝަން އިތުރުވަމުން ދިއުމަކީ މިއަދު ހަގީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، 2050 ނިމުމުގެ ކުރިން 200 މިލިއަނެއްހާ މޫސުމީ ރެފިއުޖީން ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންނަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަގުތު ކުޑަތަން ވެފައިވާ ކަމަށެވެ.

އެހެންކަމުން މިވަގުތަށް ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާ ދެކޮޅަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ތެދުވެ މިހާރުން މިހާރަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ފަރާތުން ޝާހިދު ވަނީ ގޮވާލައްވައިފައެވެ.

ޓެރަރިޒަމްގެ ނުރައްކަލަކީ ވެސް ރާއްޖެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއީ މިއަދު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

އަދި އެ ނުރައްކަލާ ދެކޮޅަށް ދުނިޔޭގެ ބާރުތަކުން ކުރަމުންޑާ މަސައްކަތުގެ ހެޔޮ ނަތީޖާ ހާސިލްވާނީ އެކަންކަމަށް އަހުލުވެރިވެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ ތަގުރީރުގައި ފަލަސްތީންގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެ ހިންގަމުން އަންނަ ކަންކަން ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނާއި އިޒްރޭލު ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވިދާޅުވިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި އިއްޔެ އާއި މިއަދު ކުރިއަށްދާ ނާމްގެ އިސްވެރިންގެ ސަމިޓުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކެއްގެ ވެރިންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ.