ޚަބަރު

މަންމާފުޅަށްޓަކައި މައުމޫނުގެ ދަރަނި މައާފުކޮށްފިން: ޖާބިރު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކާގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށް ބުނާ، 29 މިލިއަން ރުފިޔާ މައާފުކޮށްދެއްވައިފިއެވެ.

ޖާބިރުގެ އަތުން މަކަރާއި ހީލަތުން، ކުރީގެ ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، ޖާބިރު ވަނީ އެ ފައިސާ ހޯދުމަށް ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގައި ޖާބިރު ފުލުސް އޮފީހަށް ހާޒިރުކުރުމުން ރައީސް މައުމޫން ނެތް މަޖިލީހެއްގައި ވާހަކަދައްކަވަން ބޭނުން ނުވާ ކަމަށް ޖާބިރު ފުލުސް އޮފީހުގައި ވިދާޅުވެފައި ވެއެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވީ، އޭނާގެ އަތުން އަނބުރާ ދައްކާގޮތަށް ރައީސް މައުމޫން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މިހާރު މައާފުކޮށްދެއްވާފައިވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމެވީ އޭނާގެ މަންމަ މަރިޔަމް މަނިކެ ޖާބިރު ގާތުގައި އެދުމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި 29 މިލިއަން ރުފިޔާ، އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމުގެ ސަބަބުން މިހާތަނަށް ޖޫރިމަނާއާއެކު 55 މިލިއަން އެބައޮތެވެ.

''އަޅުގަނޑުގެ މަންމާފުޅުގެ އެދިވަޑައިގަތުމެއް އެއީ މައުމޫނަށް މައާފު ދިނުމަށް، އެ ފައިސާގެ މައްސަލަ ނިންމުމަށް. މަންމަ ވިދާޅުވި ގޮތުގައި މައުމޫނަކީ ވަރަށް ތިމާގެ ބޭފުޅެއް. އެހެންވީމަ އާއިލާގެ މެންބަރަކަށްނޫންތޯ ވާނީ. މަންމާފުޅަށްޓަކައި ވީ ވަރަށްބޮޑު ގުރުބާނީއެއް މިއީ. މަންމާފުޅަށް އިހުތިރާމް ކުރަންޖެހޭނެ. އެހެންވީމަ މައްސަލަ ނަގަން ނިންމީ.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޖާބިރުގެ މަންމައަކީ ގއ. ކޮލަމާފުށި މީހެކެވެ. އަދި ރައީސް މައުމޫންގެ މަންމާފުޅަކީ ގއ. ވިލިނގިލީ މީހެކެވެ.

ޖާބިރު ވިދާޅުވީ ރައީސް މައުމޫނާ ދެމެދު އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށާއި އަބަދުވެސް ގާތްކަން އޮންނާނެ ކަމަށެވެ. އަދި ޑީއާރުޕީގެ ޒައީމުގެ ހައިސިއްޔަތުން ޑީއާރުޕީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތުވެސް މައުމޫނަށް އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވާދަަކުރައްވަން ނިންމަވާފައިވާ އިރު، ރައީސް މައުމޫންގެ ފުރިހަމަ ތާއީދު ވެސް އެކަމަށް ބޭނުންވާނެ ކަމަށެވެ.

ޖާބިރު ''ވަން'' އަށް މީގެކުރިން މައުލޫމާތު ދެއްވަމުން ވިދާޅުވީ 29 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެކަމާ ބެހޭ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުރި ''ޑަބަލްޓްރީ ހިލްޓަން'' ހޮޓަލުގައި ކަމަށެވެ.

އަދި އެބައްދަލުވުން އިންތިޒާމު ކުރީ ރައީސް މައުމޫން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖާބިރުގެ އިތުރުން އަނބިކަނބަލުން ދިޔާނާ ސައީދާއި ރައީސް މައުމޫނާއި ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ފައިސާ ދިނުމަށް ދެފަރާތުން އެއްބަސްވެ، އޭގެ ފަހުން ރައީސް މައުމޫން ފޯނުކުރައްވައި ފާރިސްއާ ފައިސާ ހަވާލުކުރުމަށް އެދިވަޑައިގެންނެވުމުން، ފާރިސްއާ ފައިސާ ހަވާލުކުރި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި މއ. ކިނބިގަސްދޮށުގެ މޯގޭޖް ކޮށްފައިވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ރައީސް މައުމޫން ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުއެވެ. އެދުވަސްވަރު ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނާ މެދު ކަންކަން ކުރެއްވި ގޮތުން ކަމަށް ވިދާޅުވެ، ޖާބިރާ ބައްދަލުކުރައްވައި އެވާހަކަތައް މައުމޫން ހިއްސާކުރެއްވި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން ޖާބިރުގެ އެވާހަކަތައް ވަނީ ދޮގުކުރައްވައިފައެވެ.