ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާންކުރި މ. ކުރިރުއްގެ، އިރުފާން ރުޝްދީ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ގދ. ތިނަދޫއާ 15 މޭލު ބޭރުން ޕެޓްރޯލް ހުސްވެގެން ހުއްޓުނު "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗަކުން ކަމަށެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު އެކެއް ޖަހާކަށްހާއިރު ގދ. ތިނަދޫއާ 15 މޭލު ބޭރުން ''ބްލޫ ވޭވް'' ނަމަކަސް ކިޔާ ލޯންޗަކުން ތެޔޮ ހުސްވެ، އިންޖީނު ހުއްޓިގެން އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭގެ ފަަހުން ފަތިހު 4:22 ހާއިރު ލޯންޗް، ތިނަދުއަށް ގެންގޮސް ބެލި ބެލުމުން ފުލުހުންނަށް ޝައްކުކުރެެވޭ ކަންތައްތަކެއް ލޯންޗުގައި ހުރުމުން ހަތަރު މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަތަރު މީހުންގެ ތެރޭގައި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ހޯދަން އިއުލާންކުރި 25 އަހަރުގެ އިރުފާނު ރުޝްދީ ހުރިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރު ކޮމިޝަނުން މިދިޔަ ބުރާސްފަތި ކުރި އިއުލާންގައި ބުނެފައިވާ ގޮތުން ހޯދަން އިއުލާންކުރި މ. ކުރިރުއްގެ، އިރުފާން ރުޝްދީއަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އަދި ހޯދުމަށް އިއުލާން ކޮށްފައިވާ އިރުފާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
އެ ކޮމިޝަނުން ބުނީ މީގެ ކުރިން ވެސް ހޯދަން އިއުލާންކުރި އިރުފާން ތިން އަހަރާއި ބައި ވީ އިރުވެސް ދައުލަތުގެ މުއައްސަސާތަކަށް އޭނާ ހޯދިފައި ނުވާ ކަމަށެވެ. އަދި 2015ގައި އޭނާ ރާއްޖެއިން ބޭރަށް ދިޔަ ފަހުން ނާން ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް، 2016ގައި މީހަކު މަރާލި ތަނުގައި އޭނާ ހުރިކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
މީގެ ކުރިން މަރުގެ މައްސަލައެއްގައި ފުލުހުން އިރުފާން ހޯދަން އިއުލާންކުރީ 2016ގެ ޖޫން މަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލައިގައެވެ.