ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޖުޒާމް ބަލީގެ ސްކްރީނިންއާ ގުޅޭ އިއުލާނަކީ ނެރުނު އިއުލާނެއް ނޫން ކަމަށާއި ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ދަށުން އެރަށުގެ ވީހާވެސް ގިނަ ބަޔަކު ޖުޒާމް ބައްޔަށް ސްކްރީން ކުރުމަށް އަންގައި ބާރު އެޅުމުގެ ގޮތުން ޑްރާފްޓް ކުރި ލިޔުމެއް ކަމަށް ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވި ލިޔުމާ ގުޅިގެން އެ މަރުކަޒުން މައާފަށް އެދޭ ކަމަށެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު އެ އިއުލާން ނެރެފައިނުވާނެ ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.
ޑްރާފްޓް ކުރި އެ ލިއުމުގައި ސައްހަ ނޫން މައުލޫމާތާއި އިބާރާތުގެ މައްސަލަ ހުރިކަން ފާހަގަކުރެވިގެން އިސްލާހު ކުރުމަށް މުވައްޒަފަކަށް ހަވާލުކޮށްފައި ވަނިކޮށް އެ ލިޔުން އިސްލާހު ނުކޮށް މުވައްޒަފުގެ އިހުމާލުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިދާރީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުންޏެވެ.
"ޒީރޯ ލެޕްރަސީ" އަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖުޒާމް ބަލި މުޅިން އެއްކޮށް ނައްތާލުމަށްޓަކައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިއަހަރުގެ ޖޫން މަހު ފަށާފައިވާ މަސައްކަތެކެވެ.
ބެކްޓީރިއާ އިން ޖެހޭ ޖުޒާމް ބައްޔަކީ އެ ބަލި ބޮޑުވުމުން ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެ، ވެއްޓޭ ބައްޔެކެވެ. އެ ބަލީގެ ކުރީކޮޅު ދެނެގަނެ، ފަރުވާ ކުރެވިއްޖެ ނަމަ އެ ބައްޔަކީ ފަރުވާ ހޯދޭނެ ބައްޔެކެވެ. އެ ބައްޔަކީ ހަށިގަނޑުގެ ހިއްސުތަކަށް ހަމަލާދޭ މައިކޮބެކްޓީރިއަލް ލެޕްރާ ކިޔާ ފަންޏެއް ނުވަތަ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް އެ ބަލީގެ އަސަރު ހުންނަ ތަންތާނގައި އިހުސާސެއް ނުހުރެއެވެ.
ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ފެތުރުނު ބައްޔަކެވެ.